ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، އެ ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިވާ މި ދެ ފަނޑިޔާރުން ވަކިކުރަން ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމާފައިވަނީ، މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، 04 ޑިސެންބަރު 2024 ގައި، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައާ ގުޅިގެން މި ދެ ފަނޑިޔާރުން ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވާފައިވާކަން، ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާތީކަމަށް އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
އެހެންކަމުން، އެ ދެ ފަނޑިޔާރުންގެ މި ޢަމަލަކީ، ޤާނޫނުތަކާ ޚިލާފު ޢަމަލެއްކަމަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން، އެ ދެ ފަނޑިޔާރުން، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް 2025 މޭ 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ މި އަހަރުގެ 18 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށެވެ.
އެ މައްސަލާގައި އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އޭރު ސަސްޕެންޑު ކުރި އެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް