މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އަކީ އެތައް ބިލިއަން ޑިލަރުގެ އާމްދަނީ ލިބިގެންދާނެ ވަރުގަދަ ބެންޗްމާރކްއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމް.އައި.އެފް.ސީ ޤާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، އެމްއެފްއައިސީގެ މި މޮޑެލްއާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެން ދިވެހިން މިއައީ ކުރީގެ މޮޑެލްތައް ނަކަލުކުރަން ނޫންކަމަށާއި އަޅުގަނޑުމެން މިތިބީ އާ ބެންޗްމާކެއް ކަނޑައަޅަންކަމަށެވެ. އަދި މިއީ ސަރަޙައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓަކަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމް.އައި.އެފް.ސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭކަމަށް ހިސާބުތަކުން ދައްކާ ހިނދު، އަދި އެއީ ޤައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނޭ މަޒުކަޒަކަށް ވެގެންދާނޭކަމަށް އަންދާޒާ ކުރެވިފައިވާހިނދު، ސިނާޢީގޮތުން ހުރި ފުރުޞަތުތަކަށް ހަލުވި ދުވެލީގައި ވާޞިލުވުމަށް ވެވޭ އެހީއަކަށް މި މަޒުކަޒު ވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ހިއްސާކުރައްވާފައިވަނީ، އެމް.އައި.އެފް.ސީގެ އެހީގައި މުޖުތަމަޢަށް ދިރުންގެނުވައި، ދިވެހި އެތައް ޖީލުތަކަކަށް ފަހި ފުރުޞަތުތައް އުފެދިގެންދާނޭކަމުގެ ތަސައްވުރެކެވެ.
ހަމައެއާއެކު އެމްއެފްސީ ވެގެންދާނީ، ކެރިގެން ނިންމާ ނިންމުންތަކާއި، ސާބިތު ބައިވެރިވުންތަކާއި، ޤައުމީ މަގުސަދުގެ ތަރިކައަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އެ މަރުކަޒު ސިފަކުރައްވާފައިވަނީ، ފުރުޞަތުތަކާއި، ވިލުންތެރިކަމާއި، ޝަރަފުވެރިކަމުން ދިވެހިން ބާރުވެރިކޮށްގެން ދިވެހި އިޤުތިޞާދު ސިންދަފާތުކުރުމަށް ކުރައްވާ މަސައްކަތައް ދެއްވާ އިތުބާރެއްގެ ގޮތުގައެވެ. އަދި މިއީ، މާލިއްޔަތާއި، ދެމެހެއްޓެނިވި އަދި ޙަޟާރީ ދިރިއުޅުމެއްގެ މަތީ ބިނާކުރާ މުސްތަޤުބަލަކަށް ދިވެހިން ތައްޔާރަށް ތިބިކަން ދުނިޔެއަށް އަންގައިދޭ ނިޝާނެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ، އެ މަރުކަޒަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމުގައެވެ. ދިވެހިން މި އާދަޔާ ޚިލާފު ދަތުރު ފެއްޓީ، ސާފު އަމާޒެއް ހިފައި، ޔަޤީންކަމާއެކު، އީޖާބީ ވިސްނުމެއްގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ޤައުމެއް ނޫންކަމަށާއި، ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިޤްތިޞާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ޤައުމެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި، އެމް.އައި.އެފް.ސީ ޤާއިމުކުރާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ. އަދި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން، މަރްވާން އަލްހަޖޭރީ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް