ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، އެ ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
މިކަން ހާމަކޮށް ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، 04 ޑިސެންބަރު 2024 ގައި، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައާ ގުޅިގެން މި ދެ ފަނޑިޔާރުން ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވާފައިވާކަން، ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާކަމަށެވެ.
އެހެންކަމުން، އެ ދެ ފަނޑިޔާރުންގެ މި ޢަމަލަކީ، ޤާނޫނުތަކާ ޚިލާފު ޢަމަލެއްކަމަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން، އެ ދެ ފަނޑިޔާރުން، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް 2025 މޭ 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ މި އަހަރުގެ 18 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް