އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއަށް އަލުން ސޮއިކުރައްވައިފި އެވެ.
މިކަން ހާމަކޮށް ވަޒީރު ވަނީ އެމަނިކުފާނުގެ ފޭސްބުން އެކައުންޓުގައި ޕޯސްޓުވެސް ކޮށްފައެވެ.
"މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،" ވަޒީރު ޝަހީމް ވިދާޅުވި އެވެ.
އެއާއެކު، އަދާލަތު ޕާޓީގެ އިދާރީ މަޖިލީހާ މަޝްވަރާކުރެއްވުމަށްފަހު ޕާޓީގެ ރައީސް ދެއްވި ލަފާފުޅާއެއްގޮތަށް، ވަޒީރު ޢަދާލަތު ޕާޓީގެ މެންބަރަކަށްވުމަށް އެދި ހުށަހެޅުއްވި ފޯމު ބަލައިގަތުމަށް އެ ޕާޓީގެ ރަޖިސްޓްރަރ ވަނީ ނިންމަވާފައެވެ.
އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކޮށް ވަޒީރު އެކަން ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހުގައެވެ. އަދި ޕާޓީއަށް ސޮއިކުރެއްވުމުގެ އިތުރުން އެ ޕާޓީގެ ރައީސަކު ހޮވުމަށް މި އަހަރު ފަހުކޮޅު ބާއްވާ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާނެކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.
އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝަހީމް އެ ޕާޓީގައި 12 އަހަރު ވަންދެން އުޅުއްވިއިރު، އެ ޕާޓީގެ ސްލޮޓުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން ވެސް ޝަހީމް ކުރެއްވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް