ބަޔޯމެޓްރިކް ޑޭޓާ އަދާހަމަކޮށްފައިނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ބިދޭސީންނާ ގުޅޭ ޤާނޫނުތައް ހުރީ އެތައް އަހަރެއްވީ އިރުވެސް ތަންފީޒު ނުވެ ކަމަށާއި އެހެންނަމަވެސް ޤާނޫނުތައް ތަންފީޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ޤާނޫނުތައް ތަންފީޒް ކުރަމުންދާ ވަރަކަށް ބިދޭސީންގެ ހައްޤުތައް ކަށަވަރުވެ ރާއްޖޭގައި އޮތް އިޖުތިމާއީ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެން މިދަނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާ ޤަވާއިދުގެ އިމުގެ ތެރެއަށް ވެއްދުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިގެން. ކުރަނގި އޮޕަރޭޝަން ނަމުގަ ފެއްޓި މި މި މަސައްކަތުގެ ދަށުން 150،000 ބިދޭސީ މަސައްކަތްތެރިންގެ ފިންގަރޕްރިންޓް އަދި ބަޔޯމެޓްރިކަލީ އެ މީހުންގެ ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް މިވަނީ އަޕްޑޭޓްކޮށްފަ. މި މަސައްކަތް މިހެން ކުރެވުމުން އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ ރާއްޖޭގައި މަސައްކަތް ކުރަން މިތިބީ ކޮންކޮން ބައެއްކަން. މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި މީހުން ޤަވާއިދާ އެއްގޮތަށް އުޅުމުގެ މަގު މިދަނީ ފަހިކޮށްދެމުން"، ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި އަދި 3 ވަނަ ފިޔަވަހީގައި މަޢުލޫމާތުތައް ހޯދާފައިވާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފަސޭހަކަމާއެކީ ގެނެވޭނެ މަގުތައް ފަހިކޮށްދެެއްވާނެ ކަމަށެވެ.
އެގޮތުން މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ހޯދުމަށާއި ސައިޓް ރަޖިސްޓްރީ ކުރުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ވަރަށް ބޮޑަށް ފަސޭހަ ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތައް 50،000ރ. އިން ޖޫރިމަނާކުރުމުގެ މަސައްކަތް ފަށްޓަވާނެކަން ފާހަގަކުރައްވައި ވަޒީރު ވަނީ މިހާތަނަށް ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ރާއްޖެގައި އުޅެމުންދިޔަ 6700 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް