ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަ އެކޮމޮޑޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން، މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މިއަދު ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބިދޭސީންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައަކީ އެތަކެއް ފަހަރުމަތިން ބޭރުގެ ފަރާތްތަކުން ފާހަގަކޮށްފައި އޮތް ކަމެއްކަމަށާއި، ރާއްޖޭގައި ބިދޭސީން ގެންގުޅެނީ އެކަށީގެންވާ ތަންތާގައި ނޫންކަމަށް އެފަރާތްތަކުން ދަންނަވާކަމަށެވެ.
އެހެންކަމުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަ އެކޮމޮޑޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށާއި، މިއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް މަސައްކަތްކުރުމަށް ޚާއްސަ ދާއިރާތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާކަމަށާއި، މީގެ ތެރޭގައި ރިސޯޓުތަކުގެ ގިނަ ވަޒީފާތައް ހިމެނޭކަމަށާއި، މިކަން މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުންވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 3 އަހަރުގެ މުއްދަތެއް ކަނޑައަޅާފައެވެ. މި މަސައްކަތުގެ ތެރެއިން މިހާރަކަށް އައިސް ގިނަ އަދަދެއްގެ މަސައްކަތްތެރިން ގެންގުޅޭ ތަންތަނަށް އަމާޒުކޮށްގެން ޤަވާއިދުން ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ހަމައެއާއެކު، މިދިޔަ އަހަރުން ފެށިގެން ބިދޭސީން ޤާނޫނާއި ޤަވާއިދުގެ ތެރެއަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކަކީ ހިތްހަމަޖެހޭ ފަދަ މަސައްކަތްތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް