މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނުނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓިގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރަނުގެ މަޤާމަށް އައްޔަންކުރުމަށްޓަކައި ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމުމަށްޓަކައި، 30 އެޕްރީލުގައި ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ 25 ވަނަ ޖަލްސާގައި، މަޖިލީހުގެ މާލިއްޔަތު ކޮމިޓިއަށް އެ މައްސަލަ ވަނީ ފޮނުވާފައިކަމަށެވެ.
އަދި އެ މަޤާމަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވާފައިވާ އަލްފާޟިލާ އަސްނާ ޙަމްދީ، ގ. ސިލްވަރުގެއާގެ އާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްތޯ ބަލަން ބޭނުންވާކަމަށާއި އެހެންކަމުން އެފަދަ ޝަކުވާއެއްވާނަމަ، 05 މެއި ގެ 2:00 ގެ ކުރިން އެކަން މަޖިލީހަށް ލިޔުމުން ފޮނުވައިދިނުމަށް އެދޭކަމަށް ބަޔާންކޮށްފައިވެސް ވެއެވެ.
އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ ދަށުން އެބޭފުޅާ ހަވާލުވެ ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓަ ސެކްޝަނާ ކަމަށްވާއިރު، އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާޗު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުގައި ގާތްގަނޑަކަށް ފަސް އަހަރު ދުވަހު ހުންނެވި އެވެ. އިމާދު ވަނީ އެމްއެމްއޭގައި 25 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އާ ގަވަރުނަރު އަހުމަދު މުނައްވަރު އެ އިދާރާއާ ހަވާލުވެވަޑައިގަތުމަށް ފަހު، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އުފެއްދި މަގާމުތަކެކެވެ. އެއާ އެކު، އެ އިދާރާގެ ޑިޕާޓްމަންޓުތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރުންނެވެ. އެއީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށް ހޮވާ މަގާމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް