އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކާ ގުޅޭ މައްސަލާގައި ރާއްޖޭގެ ފަރާތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވާ ބަޔާން މާދަމާ ހުށަހެޅުމަށް ހަމަޖެހިއްޖެއެވެ.
މި މައްސަލައަކީ އިސްރާއީލުގެ ބާރުގެ ދަށުގައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލްގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ.
އަދި މި މައްސަލަ އައިސީޖޭއަށް ހުށަހެޅުނީ، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުންގެންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅުމާއި، ޔޫއެންޑީއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލުމަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމާ ގުޅިގެންނެވެ.
ޢައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އިސްރާއީލުން ހަމަލާތައް ދެމުންދާތީ، އެ ޤައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭގެ ލަފާ ހޯދުމަށް އދ. ގެ އާންމު މަޖިލީހުން 2023 ވަނަ އަހަރުގެ ޑިސެމްބަރު 19 ގައި ވަނީ ފާސްކޮށްފައެވެ.
އަދި މި މައްސަލާގައި ރާއްޖެއިން ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ލިޔުމުން ބަޔާނެއް ހުށަހަޅާފައިވާއިރު ފަލަސްތީނުގެ މިނިވަންކަމަށް އެންމެ ހަރުއަޑުން ގޮވާލާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރެވެއެވެ. އަދި ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ އެކި ބައްދަލުވުންތަކުގައި އެކަން ހާމަކޮށް ފަލަސްތީނުގެ ދިފާޢުގައި އަޑު އުފުލަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް