ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވަމުން އައި މަސްތުވާތަކެތީގެ ނެޓްވޯކް އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން ބޭއްވި ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މިހެން ވިދާޅުވަމުން ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދެމަގަކުން މަސައްކަތްކުރަމުންދާ ކަމަށް ފާހަގަކުރައްވާފައެވެ.
އެގޮތުން، މަސްތުވާތަކެއްޗަށް ހުރި ޑިމާންޑު ދަށްކުރުމަށާއި އެތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިދިޔަ އަހަރު އެކަނިވެސް 1.2 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
އަދި ފުވައްމުލަކުގައި ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން ޑްރަގް މީހުންނަށް ދެމުންގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށްފައިވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރާއެކު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަރުވާދެވޭ މަރުކަޒުތަކެއް ގާއިމުކުރުމަށް ވަނީ ނިންމާފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް މަނީ ލޯންޑަރިންގގެ ދަޢުވާތައް ކުރަމުންދާ ކަމަށާއި، ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް