ދަރިވަރުންނަށް އަވަހަށް ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ޚާއްސަ ޕޯޓަލްއެއް ޤާއިމުކުރަން ނިންމާފައިވާކަމަށް މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އަވަހަށް ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަރިވަރުންގެ މައުލޫމާތު ބަލަހައްޓާ ހާއްސަ ޕޯޓަލެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުން މިނިސްޓްރީއަށް ފޮނުވާ މެއިލުތަކާއި ސިޓީތަކަށް މިނިސްޓްރީން ޖަވާބުދިނުން ލަސްވުމާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުން ކަންބޮޑުވުން ފާޅުކުރާކަމަށެވެ.
އެހެންކަމުން، އެ މައްސަލަ ކުރިމަތިވާ ސަބަބާއި އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ އޮކްޓޯބަރު މަހުގައި މި ޕޯޓަލް ގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށާއި، އެ މިނިސްޓްރީން ހިދުމަތް ދޭ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ޖަވާބުދިނުން ލަސްވުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެ މިނިސްޓްރީގެ ސްކޮލާޝިޕް ސެކްޝަނާއި، ލޯނު ސެކްޝަނުގެ އިތުރަށް ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގުރާމު ބަލަހައްޓާ ސެކްޝަނަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބޭކަމަށާއި، މިނިސްޓްރީން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ދަރިވަރުންނަށް ފައިސާ ދޫކުރުމަށްކަމަށެވެ.
އަދި ނިމުނު އަހަރު އޭގެ ކުރީގެ އެހެން އެއްވެސް އަހަރެއްގައި ދޫނުކުރާ އަދަދަށް 1.5 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދަރިވަރުންނަށް ދޫކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް