ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމަށް އިސްކަންދީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ފެށި 'ނަމާދު މަތިވެރިކުރުން' ޕްރޮގުރާމުގެ 170 ސެޝަން ބާއްވައިފިކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މި ސެޝަންތައް ބާއްވާފައިވަނީ މާލެއާއި ރާއްޖޭގެ އެކި ރަށްތަކުގައެވެ. އެގޮތުން މާާލޭގައި ސަރަހައްދުގައި 60 ސެޝަން ބާއްވާފައިވާއިރު، ހއ. ހޯރަފުށީގައި 8 ސެޝަން، ހއ. ކެލާގައި 16 ސެޝަން، ހދ. ކުޅުދުއްފުށީގައި 18 ސެޝަން، ހދ. ވައިކަރަދޫގައި 6 ސެޝަން، ޅ. ނައިފަރުގައި 15 ސެޝަން، ވ. ކެޔޮދޫގައި 33 ސެޝަން، މ. ކޮޅުފުށީގައި 14 ސެޝަން ވަނީ ބާއްވާފައެވެ.
މި ސެޝަންތަކުގައި 851 ދަރިވަރުން ބައިވެރިވެފައިވާއިރު މި ސެޝަންތައް ނަންގަވައިދެއްވަނީ ދީނީ ޢިލްމުވެރިންނެވެ.
މި ޕްރޮގުރާމާއި ގުޅޭ ގޮތުން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ، ނަމާދަކީ ހުރިހައި މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަމުގައި ލައްވާފައިވުމާއި އެއީ އިސްލާމް ދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވާފައިވާތީ، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި މުހިއްމު ޕްރޮގުރާމެއް މިއަހަރު ކުރިއަށް ދާނެކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް