2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، 27 އެޕްރިލް 2025 ގައި އުފެއްދެވި ކޮމިޝަނަށް، ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައިފިއެވެ.
މި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ
- ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ
މި ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ކުރިއެކޭ އެއްގޮތަށް ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.
ބެލެވޭ ގޮތުގައި މި ބަދަލު ގެންނަވާފައިމިވަނީ، މި ކޮމިޝަނަށް ރައީސް އައްޔަނުކުރެއްވި، ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ހަބީބު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެގޮތުން، މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް (21) އާ މުހައްމަދު ހަބީބު އާ އާއިލީ ގުޅުން އޮންނަކަމަށް ހަބީބުވަނީ ވިދާޅުވެފައެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަނެއް އުފައްދަވައިފި
މި ބަދަލު އިޢުލާންކުރައްވައި ނެރުއްވާފައިވާ ޤަރާރު، މިހާރު ވަނީ ގެޒެޓްކުރައްވައި ޢާންމުކުރައްވާފައިކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް