ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.
އެގޮތުން، އެމަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަޤުރީރުކުރައްވަމު ވަނީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މުވައްސަސާތައް ހަރުދަނާކުރުމަށާއި ދިވެހި ޖަޒީރާތަކަށް ލިބިފައިވާ ވަޞީލަތްތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހިކުރުމަށް މި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކަކީ އެމަނިކުފާނު ޚާއްޞަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.
އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ދިވެހިރާއްޖެ ބައްދަލުކުރާނީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައިކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދަޢުވަތުދެއްވާފައިވާއިރު، ދިވެހިރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިއަދުގެ ތަޤުރީރުގައި އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ވުނަކުރުމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް ހުޅުވިފައިވާ ފުރުޞަތުތައްވެސް ފާހަގަކުރައްވައި ދިވެހިރާއްޖެއިން ޝަޢުޤުވެރިވަނީ، ދެ ފަރާތަށްވެސް ފައިދާކުރަނިވި، އިތުބާރު ހިފޭ ފަދަ، ހަރުދަނާ ތަރައްޤީގެ ބައިވެރީން ހޯދުމަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ހުރި އިސްތިރާޖީ ފައިދާތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި ވުނަކުރެވިދާނޭ ކަމަށާއި އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނުގެ ތަޤުރީރު ނިންމަވާލެއްވީ، ދިވެހިން މިތިބީ، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ގޮތުގައްޔާއި ރާއްޖޭގެ މުސްތަޤުބަލާއި ތަމައްދުނުގެ ބައިވެރިންގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުންނަށް މަރުޙަބާކިޔަން ތައްޔާރަށްކަމުގައި ހާމަކުރައްވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް