ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަ މަހު ހަވާލުކުރަން ފަށާނެކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅިފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވާ ކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޕްލޭނަށް ބަދަލު ގެނެސް ވީިހާވެސް ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރަން ފަށާނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި އަޅުގަނޑުމެން ގުޅިފަޅުގެ ރަޖިސްޓްރީތައް އެ ފަރާތްތަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ގުޅިފަޅުން މިހާރު ހިއްކާފައި އޮތް ބިމަށް ގާތްގަނޑަކަށް 200 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށާއި އަދި އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށްޓަކައި 400 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ޤަބޫލުކުރެވޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށާއި އެކަމަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ގުޅިފަޅުގައި މީހުން އާބަދުވެ ދިރިއުޅެން ފަށާއިރު މަދުވެގެން 600 މިލިޔަނެއްވުރެ ގިނައިން ޚަރަދުވާނެކަމަށް ބެލެވޭކަމަށެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމުގެ ގުރުއަތުލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ކުރިއަށްގެންގޮސްފައިވާއިރު، ގުޅިފަޅުން 7 ސައިޒެއްގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅިފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕެލޭނުގައި ސިނާޢީ މަސައްކަތްކުރާ ސަރަހައްދާއި މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު 100 ފޫޓުގެ ދުރުމިންވެސް ނެތްކަމަށް ފާހަގަކުރެވޭއިރު ރައްޔިތުންނަށް ޢާންމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރުކަމަށްވެސް ފާހަގަވެއެވެ.
އަދި އެކަށީގެންވާވަރަށް ކުޅިވަރު ކުޅޭނެ ތަންތަނާއި ޕާކުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިމަނާފައިނުވުމުގެ އިތުރުން ގްރީން ސްޕޭސްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ 8 އިންސައްތައެވެ. އެހެންނަމަވެސް މިހާރު އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 21 އިންސައްތަ ކަނޑައަޅާފައިވަނީ ޕާކުތަކަށާއި ގްރީން ސްޕޭސްތަކަށެވެ.
އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ސްކޫލުތަކާއި ހުންނަނީ 10 މިނެޓުން ހިނގާފައިވާ ދެވޭވަރުގެ ދުރުމިނެއް ހުންނައިރު މިސްކިތްތަކާ ދެމެދު ހުންނަނީ 5 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެކެވެ. އަދި މި ލޭންޑް ޔޫސް ޕްލޭނުގައި މުޅި ގުޅީފަޅުގައި ވެހިކަލް ޕާކުކުރުމަށް 70،000 ޕާކިން ސަރަހައްދު ކަނޑައަޅާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް