ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގައި އެ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ދައްކާ ވާހަަތައް އަޑުއައްސަވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރާ ކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ބުނެފި އެވެ.
މުޒާހަރާތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނަކު "ޖަވިޔަނި" އޮންލައިނަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ މިއީ ސިޔާސީ ކަމަކާ ގުޅިގެން ނުވަތަ ސިޔާސީ ޕާޓީއަކުން ހިންގާ މުޒާހަރާތަކެއް ނޫން ކަމަށާއި، މިއީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކި ތަންތަނުގައި މަސައްކަތްކުރާ ޒުވާނުން ކުރަމުންދާ މުޒާހަރާއެއް ކަމަށެވެ.
އަދި މި މުޒާހަރާގެ މަޤުޞަދަކީ ފުލުހުން ޖަވާބުދާރީކުރުވުން ކަމަށާއި، ދޮގު ހަދައި އޮޅުވާލައިގެން ކޮށްފައި ހުރި ކަންތައްތައް ދެފުށް ފެންނަ ގޮތަށް ހުޅުވާލަދިނުންކަމަށާއި، މިއީ އެއްވެސް ޕާޓީއެއް އަދި އެއްވެސް ގޭންގެއްވެސް މަޖުބޫރުކޮށްގެން ކުރާ ކަމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް މުޒާހަރާތަކަށް ނުފޫޒު ފޯރުވަން ވަރަށް ބައިވަރު ޕްރެޝަރު އަންނަ ކަމަށާއި އެކަންކަމަށް ފުރުސަތު ނުދޭކަމަށްވެސް އެ ޒުވާނުންވަނީ ބުނެފައެވެ. އަދި ޒުވާނުންގެ ޑިމާންޑްތައް މަދުމަދުން ފުއްދަވައިދެއްވަމުން ގެންދަވާތީ ރައީސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް އިންޓަވިއު ދިން ޒުވާނުން ވަނީ ބުނެފައެވެ.
"އަޅުގަނޑު ބުނެލަން އޮތީ މީގެ ތެރެއަށް ނުފޫޒު ފޯރުވަން ވަރަށް ބައިވަރު މީހުން ހައިޖެކު ކުރުމުގެ ޗާންސްވެސް އަޅުގަނޑުމެންނަށް ދިން. އެކަމަކުވެސް އަޅުގަނޑުމެން ކޮންމެ ރެއަކު އެކަންތައްތަކަށް ޓެކަލްކުރަމުން، މީގެ ތެރެއަށް އެއްވެސް ޕޮލިޓިކަލް އިންފްލުއަންސެއް ނުވައްދައި ހަމަ މި ކުރިއަށްގެންދަނީ"، ވާހަކަ ދެއްކި އެއް ޒުވާނަކު ބުންޏެވެ.
އެގޮތުން އެ ޒުވާނުން ވަނީ ޔުމްނު ވެއްޓުނު މައްސަލަ ބެލުމަށް ޚާއްސަ ކޮމިޝަން އުފެއްދިކަން ފާހަގަކޮށް، ކުރީ ސަރުކާރުން ހެދި ގޮތަށް ނަތީޖާއެއް ނުނެރެވޭ ކޮމިޝަނަކަށް މި ފަހަރު ވިޔަ ނުދިނުމަށް އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް