ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދ. އުއްދޫއަށް ދަތުރު ދެވޭގޮތަށް މިހާރު ވަނީ ހަމަޖެހިފައިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި އަހަރުތެރޭ ދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދަތުރުދާ ރަށެއްގެ ގޮތުގައި ދ. އުއްދޫ ހަމަޖައްސަވައި ދެއްވި، އެރަށް ރަސްމީކޮށް އާންމުންނަށް ހުޅުވާލާފައިވަނީ އެޕްރީލް 15 ގައެވެ.
އަދި އެ ރަށުގައި ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބެން ނެތް ނަމަވެސް ކައިރި ތާރީޚެއްގައި މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބާ އެ ރަށް ޙަވާލުކުރެވި، ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވައިލާ، ދަތުރުދާ ފަރާތްތަކަށް އެކަށޭނަ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ވަގުތު ވެސް އުއްދޫ ބެލެހެއްޓުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް