18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތަށް އިރުޝާދުތަކެއް ދެއްވައިފިއެވެ.
އެގޮތުން، 24 އެޕްރީލް 2025 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ އިރުޝާދުތައް ތިރީގައި އެވަނީއެވެ.
- މި ޙާދިސާއާ ގުޅިގެން 24 އެޕްރީލް 2025 ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލާގައި އަނިޔާލިބުނު މީހާގެ ޒާތީ މަޢުލޫމާތާއި، އަނިޔާލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާންމުކޮށްފައިވާތީ، އަނިޔާލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުން
- މި މައްސަލައިގެ ތަޙުޤީޤަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ޙާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަޙުޤީޤުކުރުމަށް
- ޖިނާއީ ތަޙުޤީޤުތަކާ ގުޅިގެން މަޢުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު ޢާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ތަޙުޤީޤަށް ހުރަސްނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުމަށް
- މި މައްސަލަ ތަޙުޤީޤުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް
މި އިރުޝާދުތައް ފުލުހުންނަށް ދެއްވާފައިވާކަން ހާމަކުރަމުން ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތާމެދު ޢާންމުންގެ ހުރި ޝަކުވާތައް އެ އޮފީހަށް ހުށަހެޅުއްވުމުން، އެ ޝަކުވާތަކާމެދުވެސް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެ އޮފީހުން އަޅަމުން ގެންދާނެކަމަށެވެ.
އަދި، ޖިނާއީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، ޢާންމު ރައްޔިތުންވެސް މައްސަލާގައި އަނިޔާލިބޭ މީހުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެގޮތަށް ޢަމަލުތައް ބެހެއްޓުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް