ގއ. އަތޮޅަށް އަމާޒުކޮށް ކެންސަރަށް ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެގޮތުން، ގއ.އަތޮޅު ހޮސްޕިޓަލާއި ކެންސަރ ސޮސައިޓީއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް އަންނަ މެއި މަހުގެ 7 އިން 14 ހިންގާ ޕްރޮގްރާމެކެވެ. އަދި މެއި 08 ވަނަ ދުވަހު ގއ. ވިލިނގިލީގެ ރައްޔިތުންނަށް އަމާޒުކޮށްގެން ގއ. އަތޮޅު ހޮސްޕިޓަލުގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، 09 ވަނަ ދުވަހު ގއ. މާމެންދޫ އަދި ގއ. ކޮލަމާށިފުށީގެ ރައްޔިތުންނަށް އަމާޒުކޮށް ގއ. އަތޮޅު ހޮސްޕިޓަލުގައި މި ޕްރޮގްރާމް ކުރިއަށްދާނެއެވެ.
އަދި މެއި 10 ވަނަ ދުވަހު ގއ. ދާންދޫ، ގއ. ނިލަންދޫ އަދި ގއ.ދެއްވަދޫ ރައްޔިތުންނަށް އަމާޒުކޮށް ދާންދޫ ސިއްހީ މަރުކަޒުގައި މި ޕްރޮގްރާމް ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމުގައި އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާއި ބޮޑު ގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރަށް ސްކްރީން ކުރެވޭނެއެވެ.
މި ސްކްރީނިންގ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމާއި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް ގުޅުއްވާގެން ނަންނޯޓްކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް