މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފިއެވެ.
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުން ދިވެހިރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވާފައިވައި އަދި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއިވެސް ބައްދަލު ކުރައްވާފައިވެއެވެ.
މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފި.
The Imam of Masjid al-Nabawi, Sheikh Dr. Salah Al-Budair, has concluded his official five-day visit to the Maldives. pic.twitter.com/y4PbvNyBx1
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 25, 2025
މީގެ އިތުރުން، ޕްރީސްކޫލްގެ ދަރިވަރުންތަކަކާއެކުވެސް އެމަނިކުފާނު ވަގުތުކޮޅެއް ހޭދަކުރައްވާފައިވާއިރު، އިމާމުންނާއި ޚަޠީބުންނާއި ބައްދަލު ކުރައްވާ ނަޞޭޙަތުގެ ބަސްކޮޅެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވާ ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ހިއްވަރު ދިނުމުގެ ބަސްކޮޅެއް ދެއްވެވިއެވެ.
އަދި ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތުގައި އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު އިއްޔެ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާ އަސަރުގަދަ ހުކުރު ޚުޠުބާއެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކުރިއަށް އޮތްތަނުގައި ޙަރަމްފުޅުގެ އިތުރު އިމާމުން ރާއްޖެއަށް ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް