މާލޭ ސިޓީ ކައުންސިލުން ހުޅުވާލި މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަރޝިޕް ފުރުޞަތަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ސްޓްރޯންގް ސިޓީޒް ނެޓްވޯކް ގެ އޭޝިއާ ޕެސިފިކް ރީޖަން އިން މާލެ ސިޓީ ކައުންސިލް ދީފައިވާ ފުރުޞަތު ތަކެކެވެ. މި ތަމްރީނުގެ ފުރުޞަތުތައް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޞީއްހީ ދާއިރާ، ޝޯޝަލް ސަރވިސް، ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިން، އައިޓީ ދާއިރާ އަދި ޓޫރިޒަމް ދާއިރާފަދަ ދާއިރާތައް ހިމެނެއެވެ.
ޕާކިސްޓަނުގައި ކުރިއަށް ދާ މި ތަމްރީން ކުރިއަށް ދަނީ 12 ހަފްތާ އާއި 24 ހަފްތާގެ މުއްދަތަކަށްކަމަށްވާއިރު، ކޯހުގެ ބައިވެރިންނަށް މާލެ- ޕާކިސްތާން ދަތުރު ޚަރަދު، ހުރުމާއި ކެއުން އަދި ކޯސް ފީ ހަމަޖެހޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި ކޯސްތަކަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން މީހުން ޝޯޓްލިސްޓް ކުރެވޭނީ ޝަރުޠުތަކަށް ބަލައިގެން ކޯސްތަކަށް ލިބިފައިހުންނަ އެޕްލިކޭޝަންތަކަށް ބަލައި، 6 ކެޓަގަރީއަށް ބައިވެރީން ނެގޭނެ ގޮތަށް ކަމަށާއި، 50 މީހުންގެ ލިސްޓު ފައިނަލް ކުރާނީ ކައުންސިލް އިން އެކުލަވާލާ ކޮމިޓީން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ބަލައިގެންކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ 28 އޭޕްރީލް 2025، އާދިއްތަ ދުވަހުގެ 13:00 އަށް އިތުރުކޮށްފައެވެ. މިގޮތުން ހޮވޭ ނަންތައް 30 އެޕްރީލް 2025 ގެ ކުރިން ސްކޮލަރޝިޕްތައް ދޭ ފަރާތަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް