މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރޭ ސަލްމާނު މިސްކިތުގެ އޮޑިޓޯރިއަމްގައެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުންނާއި މުޚާޠަބު ކުރައްވާ ގިނަ ނަޞޭޙަތްތަކެއް ދެއްވަމުން އިމާމު ވަނީ، ޤުރުއާން ހިތުދަސްކުރުމުގެ މުހިއްމުކަމާއި، ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމުގައި ވިސްނުން ބަހައްޓަންވީ މުހިއްމު ކަންތައްތަކައް އަލިއަޅުއްވާލައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިމާމުން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް