އަމާޒަކީ ސައުތް އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާއަކީ ދިވެހިން ފަޚުރުވެރިވާފަދަގޮތަކަށް ބެލެހެއްޓޭތަނަކަށް ހެދުންކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށާއި ސަރަހައްދުތައް ހިމާޔަތްކުރެވުނުނަމަވެސް ހުރިހާ ސަރަހައްދެއް އަދި ނުބެލެހެއްޓޭކަމަށެވެ.
އަދި އެފަދަ ސަރަހައްދުތަކަކީ ފަތުރުވެރިންނަށް އެތަންތަނަށް ދެވި އެތަނުން ނަފާލިބޭގޮތަށް ހުރުން މުހިންމު ތަންތަންކަމަށާއި، ސައުތް އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ އަކީ މުޅި އަހަރުތެރޭގައިވެސް ވޭލް ޝާރކް ފެންނަ ސަރަހައްދެއްގެ އިތުރުން، ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ތެރެއިން އެންމެ ބޮޑު ސަރަޙައްދުކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެތަނަކީ ފަތުރުވެރިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލުތަނެއްކަމަށާއި އެހެންކަމުން އެތަން ބެލެހެއްޓުމަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މިއަހަރު ފަށައިފިކަމަށާއި އެގޮތުން، ރޭންޖާސް ތަމްރީނުކޮށް އެތަނަށް ދާ ހުރިހާ އުޅަނދުތަކެއް ރަޖިސްޓާރ ކުރަމުންދާކަމަށާއި އަދި އެތަނަށް ދާ ގައިޑުންވެސް ތަމްރީނުކުރަމުންދާކަމަށެވެ.
އެގޮތުން މިހާތަނަށް 466 ގައިޑުން މި މެނޭޖްމަންޓް ޕްލޭންގެ ދަށުން އިމްތިހާނު ހަދާފައިވާކަމަށާއި 660 ފަރާތަކަށްވަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއްވެސް ހިންގާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އެ ސަރަހައްދަކީ، 01 ފެބުރުވަރީ 2025 އިން ފެށިގެން ފެޓްރޯލްކުރެވެމުންދާ ސަރަހައްދެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް