ބަންކަރިންގެ ޚިދުމަތަށް ޕޯޓެއް ތަރައްޤީކުރަން ނިންމަވާފައިވާ ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ރާއްޖޭގައި ބަންކަރިންގެ މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކާވެސް ބައްދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އިންޓަރނޭޝަނަލް ބަންކަރިން އާ ބެހޭ ޤާނޫނެއް އެކުލަވާލެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަދި އިންޓަރނޭޝަނަލް ބަންކަރިންގައި ބޭނުންކުރާ ވަސީލަތްތަކާއި ސާމާނު އަދި އިންފްރާސްޓްރަކްޗަރ ރާއްޖޭގައި ޤާއިމްކުރުމަކީ ދުލުން ބުނެލަން ފަސޭހަ ވިޔަސް މިކަންކަން ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި މިހާރުވެސް އެމަސައްކަތް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު، އެއަށް ރާއްޖޭގެ ބޭންކުތަކުން ފައިސާ ނުލިބޭނަމަ، ބޭރުން އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށާއި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދޭ އަމިއްލަ ފަރާތްތަކާވެސް ބައްދަލުކުރައްވަމުން ގެންދަވާ ކަމަށާއި، އެސްޓީއޯގެ އިތުރުން ބަންކަރިންގެ ޚިދުމަތްދޭ ބޮޑެތި ދިވެހި ވިޔަފާރިތަކާ މަޝްވަރާކުރައްވާ ކަމުގައެވެ.
"އެހެންވީމާ އެއްވެސް ހާލެއްގައި އެއީ ހުއްޓާލެވިފައި އޮތް ކަމެއްވެސް ނޫން. އެކަން ކުރިއަށް އެބަދޭ. އެކަމުން ލިބޭ ނަފާވެރިކަން ވެސް ރަނގަޅު އިރާދަކުރެއްވިއްޔާ"، ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް