މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ޑިވައިންޓެސްޓް، ބަދީޢުއްޒަމާން (41އ) އެވެ.
އެގޮތުން އެމީހާ ހައްޔަރުކުރީ، މާލެއިން ކ. ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކައިރިންކަމަށާއި މި އެޕްރީލް މަހުގެ 16 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 52.32 ގްރާމްކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް