ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ދެނެގަތުމަށް ޚާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެގޮތުން އެ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އެކުލަވާލަމުންދާ "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" ގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ޞިއްޙީ ދާއިރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ކަމަށް އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ވިދާޅުވިއެވެ.
މިއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިޙްތިޔާޖުތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ ތަޖުރިބާއާއި އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި އެކުލަވާލެވޭ ޕްލޭނެކެވެ.
އެގޮތުން، މި ޕްލޭނުގައި އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ، ވީހާވެސް ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަތުންކަމަށާއި އެންމެ ފުރަތަމަ ކައިވެނިކުރާ ދުވަހުން ފެށިގެން އެމީހުންނަށް ލިބޭ ކައުންސެލިންގއާއި، ފެމިލީ ޕްލޭނިންގގެ ތެރެއިން ކުރަންޖެހޭ ކަންކަމަކީ އަޅުގަނޑުމެން ނިޒާމެއްގެ ތެރެއިން ވަކި ގޮތަކަށް މި ކަން ކުރެވިއްޖެނަމަ އެކަށީގެންވާ ނަތީޖާއެއް ފެންނާނެ ކަންކަންކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޕްލޭންގައި ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، މާލީ ދާއިރާ، އިންކްލޫސެބިލިޓީގެ އިތުރުން އެކްސެސް ޓު ޖަސްޓިސް އާ ގުޅޭ އުސޫލުތައް ހިމެނޭކަމަށާއި މީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ކުރިމަތިވަމުންދާ ހުރަސްތައް ދެނެގަނެވި، އެހެން ފަރާތްތަކަށް ބަރޯސާވުން މަދުކޮށް، އަމިއްލައަށް ދިރިއުޅުމެއް ބައްޓަންކުރުމުގެ މަގު ތަނަވަސްވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް