އުމެއްގެ ގޮތުގައި ބަޔަކު އުފެދި އެބައެއްގެ ދައުލަތް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އެ ބަޔަކަށް އެ ތަނަކަށް ހުރިހައި ކަމެއް ވެސް ވެހިކުރަމުން ގެންދަންޖެހޭކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ޖަލީސުންނާ މުޚާޠަބުކުރައްވައި ވަޒީރު ވިދާޅުވީ ބައެއްގެ އެބައެއްވަންތަކަން ދެމެހެއްޓޭނީ އެ ބައެއްގެ ތެރެއަށް ބޭރުން އަންނަ ޚިޔާލާއި ފިކުރާއި ޢިލްމާއި ސަގާފަތާއި އަދި ތަކެތި ވެސް އެ ބައެއްގެ ވިސްނުންތަކާއި ބޭނުންތަކަށް ވެހިކޮށްގެން ކަމަށާއި އަދި އެ ބައެއްގެ ސިފަތަކަށް ފައްތައިގެންކަމަށެވެ.
އަދި ދިވެހީންގެ އަމިއްލަ ވަންތަކަމާއި ދިވެހި ތަރިކައާއި ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމުގައި މިއީ ހުރިހައި ދަރަޖައެއްގައި ކޮންމެހެން ކުރަން ޖެހޭ މުހިންކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ ތަކެއްޗާއި ޢިލްމުތައް ވެހިކުރުމުގެ ޠަބީޢީ ނިޒާމަށް އިޝާރާތްކުރައްވަމުން އޭގެ މިސާލަކަށް ރާއްޖޭގެ އަތިރި މައްޗަށް ފުޅިއެއް ލެއްގީމާ، އެއިން ރޭގަނޑު ގޭތެރެ ދިއްލާނެ ބައްތި ހަދަން ދިވެހީންނަށް އެނގުނު ކަމަށް ވިދާޅުވެފައެވެ. އަދި އަތިރި މައްޗަށް ހިމުން ދޮންވެލި ލެއްގީމާ އެ ވެލިން ވޮށުފިލާ އުފެއްދިކަމަށާއި މިއީ ޠަބީޢީ ގޮތުން ތަނުގެ ވެށި ތަނުގެ މީހުންގެ ބޭނުންތަކަށް ވެހިކުރުންކަމަށެވެ.
ހަމަ އެހެންމެ ރާއްޖޭގެ ޢިލްމުވެރީން ކުރައްވައިފައިވާ މަސައްކަތަށް ބަލާއިރު، އިސްލާމްދީނުގެ އެންމެ ޚާއްޞަ އެއް މާއްދާކަމަށް ވާ ތައުޙީދު އިހުގެ ޢިލްމުވެރީން އާންމުންނަށް ދަސްކޮށް ދެއްވީ ވަޒަން ބަހުރުވައިގެތެރޭން ކަމަށާއި، ބޮޑުތާހީދާއި ކުޑަތާހީދު އޮންނައިރު މި ތާނގައި މި ވަނީ ޢިލްމެއް ވެހިކުރެވިފައިކަަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެން މިސާލެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ހިސާބު ޢިލްމެވެ. މަޝްހޫރު ދިވެހި ހިސާބު ޢިލްމުވެރިޔާ އިސްމާޢީލްކަލޭފާނު ތުއްތު، ނުވަތަ ތުއްތު ސާހަބު ވަނީ ހިސާބު ޢިލްމު ވެހިކުރައްވައިފައިކަމަށާއި ދިވެހީންގެ ދުލަށް ދިވެހީންގެ ދޭހައަށް ފަސޭހަވާނޭހެން ނަވަތައިން ފެށިގެން އެއްކުރުމާއި ކެނޑުމާއި ގުނަކުރުމާއި ގެއްލުމާއި ވިޔަހެދުމާއި ތިންމައިގަނޑު ވިޔަ، ބާދާލު ގާފު، އަދި ދަހަމަލަ ފަދަ މަފުހޫމުތަކާއި އިސްތިލާހުތައް ވަޒީރުވަނީ ތަޢާރަފުކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް