ގއ. ކޮނޑޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕުރޮގުރާމެއް ހިންގާނެ ފަރާތެއް ހޯދުމަށްޓަކައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
އެ ވުޒާރާއިން ގެޒެޓްކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ކޮނޑޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕުރޮގުރާމެއް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، މި ޕުރޮގުރާމު ހިންގުމަށް ކޮނޑޭ އިން 15،086.80 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅައިފައެވެ.
އަދި މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 35 އަހަރަށް ކަމަށާއި، ފުރަތަމަ ފަސް އަހަރު ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭނީ ކޮންމެ އަކަފޫޓަކަށް 10 ލާރީގެ ރޭޓުން ކަމަށާއި، ކޮންމެ ފަސް އަހަރަކުން ބިމުގެ ކުލި %20 އިތުރުވާނެ ކަމަށާއި، ގްރޭސް ޕީރިއަޑެއްގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 18 މަސް ދުވަސް ލިބޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ޕުރޮގުރާމު ހިންގުމަށް ދޫކުރާ ބިމުގައި އަމިއްލަ ފަރާތްތަކުގެ ރުއްގަސް އެބަހުރި ކަމަށާއި، ޕުރޮގުރާމުގެ ބޭނުމަށް އެއްވެސް ރުކެއް ކަނޑާނަމަ، އޭގެ ބަދަލު ރުކުގެ ވެރި ފަރާތަށް ދޭންޖެހޭނެ ކަމަށާއި، މި ޕުރޮގުރާމުގެ މަޤުޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އަމިއްލައަށް ކާނާ އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމާއި، ބޭރު ޤައުމުތަކުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކުރުމާއި، އިޤުތިޞާދުގައި ހިއްސާވާ މީހުން އިތުރުކުރުމާއި، ކާބޯތަކެތީގެ ދުޅަހެޔޮކަން އިތުރުކުރުން ހިމެނޭކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތުދީފައިވެއެވެ.
މި ޕުރޮގުރާމު ހިންގުމަށް އެދި ހުށަހެޅުމުގެ މުއްދަތު އެޕްރީލް 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް