ސިޔާސީ ޕާޓީތައް ހިންގުމުގެ ނަމުގައި ބައެއް މީހުން ކުރަނީ ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވަނީ، ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި، ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލާއި، ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެގޮތުން، ރޭގެ ޖަލްސާގައި ޖަމީލް ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒަށް ސުވަރުގެ ޙަރާމްވާނެ ކަމަށާއި އަދި ޝައުކަތު ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒު މަރުވާނެ ނަމައޭ ހިތަށް އަރާ ކަމަށް މީހަކު ބުނި ކަމަށެވެ.
"2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ހަމަ މި ވީޑިއޯއިން މި ފެންނަ ބޭފުޅާ ރުންކުރުވެ، އެތާތިބި ރައްޔިތުންނަށް ނާގާބިލަށް ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔައީ. އޭގެ 17 އަހަރު ފަހުންވެސް މި ފެންނަނީ ހަމަ އެ މަންޒަރު. މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ" ހޭބުއްދި ލުހި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް މި އަރައިގަންނަނީ. ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާ ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މިދަނީ" މުޙައްމަދު ޖަމީލު އަދި ނާއިފް ޝައުކަތުގެ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އެފަދަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރައްވުމަށް އެދި މިނިސްޓަރު ވަނީ ދުޢާދަންނަވާފައެވެ. އަދި އެފަދަ މީސްމީހުންނާ އަޅާ ބަލާއިރު ރައީސް ޑރ މުޢިއްޒުގެ ތަފާތަކީ ހަރުދަނާކަމާއި މަޑުމައިތިރިކަމާއި ރީތި އަޚްލާޤާއި އަނެކުންގެ ކަރާމާތް ހިފެހެއްޓެވުމާއި ހީވާގިކަމާއި އަދި ރެޔާދުވާލު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ހިންމަތާއެކު އެކުރައްވާ ބުރަ މަސައްކަތްކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.
"އެކަންކަން ކާމިޔާބުވަމުން ރައީސް ޑރމުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން މިހެން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ. ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ" މިނިސްޓަރު ލިޔުއްވާފައިވެއެވެ.
އަދި މިފަދަ ޢަމަލުތަކަކީ، ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަން ނޫންކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް