ދިވެހިރާއްޖެގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ހަމަޖެއްސުމަށް ނިންމައިފިއެވެ.
އެކަން ހާމަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން އެ މަޤާމަށް ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް ހަމަޖެއްސުމަށް ނިންމީ 2025 އެޕްރީލް 19 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 15 ވަނަ ޖަލްސާގައެވެ.
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލްއަކީ ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީޢަތާ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެއްކަމަށާއި، އަދި 2012 ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސް.އެމް.އެން.އެސް އިކުއިޓީ ޗެމްބަރގައި މަސައްކަތް ކުރައްވާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
2014 މެއި 22 އިން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވައި، 2014 ޖުލައި 13 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވަންދެން އެ ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމު ފުރުއްވާފައިވާފައިވާ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ޖުލައި 24 ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް