މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި މި ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، ޢަމަލީ ގޮތުން އޭގެ ފައިދާ ކުރަންފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ޚަބަރު ދެއްވާފައިވަނީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުނެ އެމަނިކުފާނު ވިދާޅުވީ، މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް، ނުވަތަ ވެލިއު އެޑްކުރުމަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައިވާކަމަށާއި، މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ޤާބިލުކަން، މިހާރު ހުރި 9500 ޓަނުން އިތުރުކުރުމަށް ފައްޓަވާފައިވާ މަޝްރޫޢު، ބާރު ދުވެލީގައި ނިމި، ފަންސަވީސް ހާސް ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށެވެ.
އަދި ހަމަ މި މުއްދަތުގެ ތެރޭގައި ޕްރޮސެސިންގ ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 365 ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށްވެސް އެމަނިކުފާނު ދެކެވަޑައިގަންނަވާކަމަށާއި މި މަޝްރޫޢުތަކަކީ ކަންބޮޑުވުމެއް ނެތި ކުރިއަށްދާނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައިހުރި މަޝްރޫޢުތަކެއްކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައިވެއެވެ.
މިއަދުގެ އެޕިސޯޑުގައި އެމަނިކުފާނު ވަނީ، ތެލާއި އައިސް ލިބުމުގައި މަސްވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުއިކަމެއް ހޯއްދަވައިދެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޢުމްރާނީ ތަރައްޤީގެ ގޮތުން ކަމުގައިވިޔަސް އަދި ވަޞީލަތް ޤާއިމުކުރެއްވުމުގެ ގޮތުންކަމުގައިވިޔަސް، މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަންކަން ކުރައްވަނީ، މަސްވެރިންގެ އަޑު ގާތުން އައްސަވައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް