މިލަދުންމަޑުލު އުތުރުބުރީ މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢު ނިންމައިފިއެވެ.
އެކަން ހާމަކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ށ. މިލަންދޫގެ މގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން، އެ ކޯޕަރޭޝަނަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ މަސައްކަތް ނިންމައި އެ ވުޒާރާއާ މިހާރު ޙަވާލުކޮށްފައިވާކަމަށެވެ.
އަދި އެ މަޝްރޫއުގެ ދަށުން މިލަންދޫގެ 9 މަގަކާއި 2 ގޯޅިއެއް ހިމެނޭހެން ޖުމްލަ 6.3 ކިލޯ މީޓަރުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައިވާނެކަން ފާހަގަކުރަމުން އާރްޑީސީއިން ބުނީ އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 156،477،632.23 ދިވެހި ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށެވެ.
މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ތަރައްޤީކޮށްފައިވާ މަގުތަކަކީ ވަރަށް ފެންވަރު ރަނގަޅު އަދި ހިތްގައިމުކޮށް ފަރުމާކޮށްގެން ތަރައްޤީކޮށްފައިވާ މަގުތަކެއްކަމަށާއި، އެ މަސައްކަތް އެހާ ފުރިހަމައަށް ގެންދެވުނީ އެ ރަށު ރައްޔިތުންނާއި ކައުންސިލުގެ ފަރާތުންވެސް ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންކަމަށްވާތީ އެކަން ފާހަގަކުރާކަމަށްވެސް އާރްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް