އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން ފިރިހެން މީހާއަށް އިންޑިއާގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި އަލިފާން ރޯވީ، ކުރިން ކައިވެނި ކޮށްގެން އުޅުނު ދެ މީހުންގެ ގައިގަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މާރޗް 31 ގައި ނިޔާވެފައިވާއިރު، ފިރިހެންމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ 7 ވަނަ ދުވަހުގައެވެ.
އަލިފާނުގެ ހާދިސާގައި އަލިފާންރޯވި ފިރިހެން މީހާ އިންޑިއާއަށް ގެންދިޔުމާ ހަމައަށްވެސް ފަރުވާދީފައިވަނީ އައިސީޔޫގައިކަމަށް އައިޖީއެމްއެޗްއިންވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވެންޓިލޭޓަރުން ނެގި ނަމަވެސް އޭގެ ފަހުންވެސް އޭނާއަށް ފަރުވާ ދެމުން އައީ އައިސީޔޫގައެވެ. އަދި އިންޑިއާގައި އޭނާގެ އޮޕަރޭޝަންތަކެއް ކުރި ނަމަވެސް ނިޔާވެފައިވަނީ ހާލަތަށް މާ ބޮޑު ކުރިއެރުންތަކެއް ނައިސްއެވެ.
އެހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ %83 ފިހުނު ކަމަށާއި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ފިހިފައިވާކަމަށް މައުލޫމާތުލިބެއެވެ. މި ހާދިސާގައި އަލިފާން ރޯވި ދެމީހުންގެ ހަށިގަނޑުގެ ބޮޑުބައެއް އަނދާފައިވާއިރު، އެމީހުންނަށް ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗުން ވަނީ އިންޑިއާއިން ހާއްޞަ ޑޮކްޓަރެއްވެސް ގެނެސްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް