ކުންފުނީގެ ބޯޑަށް ދޮގު މަޢުލޫމާތު ދީ ފެނަކަ ކުންފުނިން އައިސް ޕްލާންޓެއް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާދަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި އެކުންފުނީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި އޭރުގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހަށް މި މައްސަލަ ފޮނުވާފައިވަނީ އެ މައްސަލަ އޭސީސީން ތަހުޤީޤުކުރުމަށްފަހުއެވެ.
މި މައްސަލައިގައި އޭރުގެ ފެނަކަ އެމްޑީއާއި އަދި ޗީފް އެކައުންޓަންޓުގެ މައްޗަށް ދެ ކުށެއްގެ ދައުވާކޮށްދިނުމަށް އޭސީސީން ހުށަހެޅި އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ހިމެނޭ އައިސްޕްލާންޓު ފެނަކައަށް ގަނެފައިވަނީ އެރަށުގައި އައިސްޕްލާންޓެއް އެޅުމަށް މިފްކޯއާއި ފިޝަރީޒް މިނިސްޓްރީ ދެމެދު އެއްބަސްވެފައިވަނިކޮށެވެ. ފެނަކައިގެ އޭރުގެ ބޯޑުން އައިސް ޕްލާންޓު ގަތުމަށް ނިންމީ 2023 ވަނަ އަހަރު ބޭއްވި ބޯޑުގެ 18 ވަނަ ބައްދަލުވުމުގައެވެ. އަދި މި ބައްދަލުވުމުގައި، އައިސް ޕްލާންޓް ގަތުމަށް ނިންމާފައިވަނީ އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ބޯޑަށް ދޮގު މަޢުލޫމާތު ދީގެން ކަމަށް އޭސީސީން ވިދާޅުވެއެވެ.
މީގެ އިތުރުން، ފެނަކައިން ކައިޒާން އިންވެސްޓްމެންޓުގެ އައިސް ޕްލާންޓު ގަތުމުން ސަރުކާރުން މާމެންދޫގައި އަޅާ އައިސް ޕްލާންޓުގެ ސިޔާސަތު ބަދަލުވާނެ ކަމަށްބުނެ ކުންފުނީގެ ބޯޑަށް ސައީދު ދޮގު މައުލޫމާތު ދެއްވި ކަމަށް އޭސީސީން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް