ބަންޑާރަނައިބުގެ އޮފީހުން ކޮންމެ ހަފުތާއަކުވެސް ކުރާ މަސައްކަތްތަކުގެ އަދާހަމަ ހިސާބުތައް ހާމަކުރަން ނިންމައިފިއެވެ.
އެގޮތުން، އެ އޮފީހުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދިއުމަށާއި، ޢަދުލު އިންސާފާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި މި އޮފީހުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ބަންޑާރަނައިބުގެ އޮފީހުން ކޮންމެ ހަފްތާއަކު ކުރާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރުމަށް ނިންމާފައިވާކަމަށް އެ އޮފީހުންވަނީ މަޢުލޫމާތުދީފައެވެ. އަދި އެ އޮފީހުން ވަނީ އެޕްރީލް 6 އިން އެޕްރީލް 10 ގެ ނިޔަލަށް އެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ޝާއިޢުކޮށްފައެވެ.
އެގޮތުން، މިދިޔަ ހަފުތާގައި 25 މައްސަލައެއްގައި ޤާނޫނީ ލަފައަކަށް އެދި ހުށަހަޅާފައިވާއިރު، ކޯޓުތަކުގެ 15 އަޑުއެހުމެއްގައިވެސް އެ އޮފީހުން ބައިވެރިވެފައިވާކަމަށާއި މިދިޔަ ހަފުތާގައި ފަސް މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ފަސް ފަރާތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
އެހެންކަމުން، މީގެ ފަހުން އެ އޮފީހުން ކޮންމެ ހަފުތާއެއްގައިވެސް ނިމިދިޔަ ހަފުތާގެ އަދާހަމަ ހާމަކުރަމުން ދާނެ ކަމަށާއި، މި މަޢުލޫމާތު އެ އޮފީހުގެ މީސްމީޑިއާގެ އެކައުންޓްތަކުން ފެންނަން ހުންނާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް