01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ، މިއަދު އޮތް އެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އެގޮތުން، ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް، "ޖެނެރޭޝަނަލް ބޭން" ތަޢާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ނިންމަވާފައިވާއިރު، މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
އަދި ޤާނޫނަށް އިޞްލާޙު ގެނެސް، ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރަން ފެށުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާއިރު، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލުވުމުން ގިނަ މީހުން ތާއީދުކުރީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ކަމުގައިވިޔަސް، ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވީ އެ އުމުރު 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންނަށް ތިރި ކުރުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް