އުމުރުން 60 އަހަރުން މަތީގެ އިސްރަށްވެހިންނަށް، އެމީހުންގެ ރަށްރަށުގައި 60 ސީސީން ދަށުގެ ވެހިކަލްތައް ދުއްވުމަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެއްގަމުގައި ދުއްވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމުގެ ގަވާއިދަށް ގެނެވުނު އިސްލާހެއްގެ ދަށުން، 60 އަހަރުން މަތީގެ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭއިރު މި ލައިސަންސް ދޫކުރެވޭނީ ހަތަރު ގަޑިއިރުގެ ޓްރެފިކް ގަވާއިދުތަކާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހުގައެވެ.
އަދި މި ޚާއްސަ ހުއްދައިގެ ދަށުން ދުއްވޭނީ 60 ސީސީން ދަށުގެ މޮޓޯ ސައިކަލް، އޮޓޯ ސައިކަލް، އަދި ރަށު ޕިކަޕް ފަދަ އުޅަނދުތަކަށްކަމަށްވާއިރު، މި ހުއްދައިގެ ދަށުން ވެހިކަލް ދުއްވޭނީ ހަމައެކަނި ހުއްދަ ދޫކުރެވޭ ރަށެއްގައި، 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި އެކަންޏެވެ.
މީގެ އިތުރުން، މި ޚާއްސަ ލައިސަންސްގެ މުއްދަތަކީ ދޫކުރާ ތާރީޚުން ފެށިގެން 10 އަހަރު ދުވަހަށްވާއިރު، މުއްދަތު ހަމަވުމުން ލައިސަންސް އައުކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. ނަމަވެސް، ތަމްރީނު ޕްރޮގްރާމް އަލުން ފުރިހަމަކުރުމަށްފަހު އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް