ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގެ ދަށުން 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް މީހަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރެމުންދާތީއެވެ. އެގޮތުން، މިިނިސްޓަރު ވިދާޅުވީ، މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގެ ދެވަނަ އިސްލާހުގެ ދަށުން، މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ނެގުމަށް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކުރުމަށްފަހު، 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ލައިސަންސް ނެގިދާނެ އެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚްތިޔާރު ރަށު ކައުންސިލްތަކަށް ލިބިގެންދާނެކަމަށާއި، މި ލައިސަންސް ލިބޭނީ ހަތަރު ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ. މި ލައިސަންސްގެ ދަށުން 60 ސީސީ އިން ދަށުގެ ސައިކަލާއި ރަށު ޕިކަޕް ދުއްވޭނެ އެވެ. ނަމަވެސް، މި ލައިސަންސް ބޭނުންކުރެވޭނީ ހަމައެކަނި އެ ލައިސަންސް ދޫކުރި ކައުންސިލް ނިސްބަތްވާ ރަށުގައި އެކަނި ކަމަށް މިނިސްޓަރު އަމީން ފާހަގަކުރެއްވި އެވެ.
މި އައު ޤަވާއިދުގެ ސަބަބުން، ޚާއްސަކޮށް އިސް ރައްވެހިންނަށް، އެމީހުންގެ ދަތުރުފަތުރު ފަސޭހަވެ، އުމުރުފުރައިގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ނައްތާލެވިގެންދާނެ ކަމަށް އުއްމީދު ކުރެވެ އެވެ. މި ބަދަލާއެކު، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް