ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ފަރާތުން ހުށަހެޅި ހެކިން ހާޒިނުކޮށް، މަހާޒުއާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރަމުންދާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މިއަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންތަކެއް ސަސްޕެންޑުކުރި އިރު ފަނޑިޔާރު މަހާޒުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. ފަނޑިޔާރު މަހާޒުގެ އިތުރުން ދެން ސަސްޕެންޑުކޮށްފައިވަނީ، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރެވުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރ މަހާޒާ ދެކޮޅަށް ދެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހެއްގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.
ފަނޑިޔާރު މަހާޒުއާ ގުޅިގެން ޖޭއެސްސީން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން މިއަދުވެސް ފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުކޮށްފައިވާއިރު، ފަނޑިޔާރު މަހާޒް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ޖޭއެސްސީއަށް ހާޒިރުކުރުމުން މަހާޒު ވަނީ އޭނާއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. މި މައްސަލައިގައި ސަސްޕެންޑް ކުރެވުނު ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިހާރު އިސްތިއުފާ ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް