ދުންފަތް މަނާވާ އުމުރުފުޅާ ކަނޑައެޅުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެކަން ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސޯޝަލް މީޑިޔާ އެކައުންޓުތައް މެދުވެރިކުރައްވައި އެ އޮފީހުން އާންމުކުރެއްވި ވީޑިޔޯ މެސެޖެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި ގައިން ގައިން ނާރާ ބަލިތައް ގިނަވުމާއި ނުކުޅެދުންތެރިކަމަށް ހުޅަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ކަމަށެވެ. އަދި ރާއްޖޭގައި ބަލިތަކާއި ގުޅިން މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު %84 މީހުން މަރުވަނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޖެހޭ ގައިންގައިން ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު ބަލިތަކުގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންހުރި ބަލިތަކުގައިކަމަށާއި 2021 ވަނަ އަހަރު ހެދުނު ގައިގައިން ނާރާ ބަލިތަކާއި ބެހޭ ސަރވޭއިން 15 އަހަރާއި 29 އަހަރާއި ދެމެދުގެ %28.1 މީހުން ދުންފަތުގެ އިސްތިޢުމާލު ކުރާކަމަށް ދައްކާކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަށް، “ޖެނެރޭޝަނަލް ބޭން” ކަނޑައެޅުއްވުމާމެދު ގޮތެއް ނިންމެވުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ pic.twitter.com/PGdsaWRMsA
— The President's Office (@presidencymv) April 13, 2025
އަދި ރާއްޖޭގެ ތަފާސްހިސާބުތަކުގެ އިތުރުން ދުނިޔޭގައި، ހެދިފައިވާ ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭއާއި ހަވާލާ ދެއްވާ އެމަނިކުފާނު ވަނީ ސްކޫލަށް ދާ އުމުރުފުރާގެ ކުދިންގެ ތެރެއިން %45 ނިކޮޓިން މާއްދާ ހިމެނޭ ބާވަތެއް ބޭނުންކުރާކަމަށާއި މިކަމަކީ ރާއްޖެ ފަދަ އާބާދީއެއްގައި ވިސްނާލަން ޖެހޭ މުހިންމު ކަންތައްތަކެއް ކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
"ރާޢްޖޭގެ އާބާދީއަކީ 411،741 ދިވެހިން. އެހެންވީމަ މި އާބާދީގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް މަރުވި މީހުން އުނިކޮށް ބަލާއިރު ބާކީ އަދަދަކީ، 102،402 މީހުން. މިއީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ މުޅި އާބާދީ އަދި ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން މިޖެހޭ ބަލިތަކުން ސަލާމަތްވުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ. އެގޮތުން ޖެނެރޭޝަނަލް ބޭން އެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް