އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމުކޮށް އެޚިދުމަތްތައް ރަށްރަށުގައި ފެށުމަށް 13 ކައުންސިލަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު، ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.
އެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި، މިކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި 13 ކައުންސިލުން ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވަމުން ލަހުފާ ވިދާޅުވީ، އެކައުންސިލްތަަކާއެކު އެ ބޭފުޅުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އިސްރަށްވެހިންނަށް ޚާއްސަ ޖާގަތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންގެންދާ ކަމަށާއި ރަށްރަށުގައި ހުރި އިމާރާތްތައް މަރާމާތުކޮށްގެން އެފަދަ ޖާގަތައް ތަރައްޤީކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ.
އަދި އެގޮތަށް ތަރައްޤީކުރާ ޖާގަތަކުގައި ޚިދުމަތް ދޭނީ ރަނގަޅު ފެންވަރުގެ ޕްރޮގްރާމްތަކާއެކު ކަމަށާއި، މީގެތެރޭގައި ލުއި ކަސްރަތު ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގަވާއިދުން ހިންގުމަކީ އަމާޒެއް ކަމަށްވެސް ލަހުފާ ވިދާޅުވިއެވެ. އަދި ދޮށީއުމުރުގައި އެކަނިވެރިކަން އިހުސާސްކުރާ މީހުންގެ އަދަދު ރާއްޖޭގައި ވެސް އިތުރުވަމުން އަންނައިރު އެކަންކަމަށް ރަނގަޅު ހައްލެއް ހޯދުމަކީ މުހިންމު ކަމެއްކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ހަމަމިއާއެކު، ލަހުފާ ވިދާޅުވެފައިވީ، އިސްރަށްވެހިންނަށް ޚާއްސަކޮށް މުޅި ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކާއި ޖާގަތައް ތަރައްޤީކުރާނީ ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ކަމަށާއި ރަށްރަށުގައި އިސްރަށްވެހިންނަށް ހަރަކާތްތައް ހިންގަން ފަށާނީ އެހެން މުއައްސަސާތަކާ ވެސް ގުޅިގެންކަމަށެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި އިސްރަށްވެހިންނަށް ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތައްވެސް ކަށަވަރުކުރައްވާނެކަމަށް ލަހުފާ ވަނީ ވިދާޅުވެފައެވެ.
2024 ފެބުރުވަރީ ގައި އިސްރަށްވެހިންގެ ފުރަތަމަ ނާދީ ޤާއިމުކުރެވިފައިވާއިރު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ދަނީ ހުޅުމާލޭގައި ވެސް އިސްރަށްވެހިންގެ ނާދީއެއް ހުޅުވައި، ދޮށީ އުމުރުގެ ފަރާތްތަކުގެ ދުޅަހެޔޮކަމާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއް އެތަންތަނުގައި ހިންގަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް