މި އޭޕްރީލް މަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 60،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް އިން ބުނެފިއެވެ.
މި އަދަދަކީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އާޅާބަލާއިރު 16.5 އިންސައްތަ އިތުރު އަދަދެކެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 693،949 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.7 އިންސައްތަ އިތުރު އަދަދެކެވެ.
2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 656،828 ފަތުރުވެރިންކަމަށްވާއިރު، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،010 ފަތުރުވެރިން އާދެއެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 78،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމަށް ބަލާއިރު އޭގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި ޖަރުމަނުވިލާތެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް