އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާގޮތުގައި މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ސައިކަލް ދުއްވި މީހާއެވެ. އެއީ ފޭދޫ/އުލްފަތު އިބްރާހިމް ސިޔާދު (36އ) ކަމަށާއި، އޭނާ ވަގުތުން ސިއްޙީ މަރުކަޒަށް ގެންދެވުނު ނަމަވެސް، މަރުކަޒާ ޙަވާލާދީ ފުލުހުން ބުނެފައިވަނީ ގެންދިޔަ އިރުވެސް އެ މީހާވަނީ ނިޔާވެފައިކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 7:30 ހާއިރެވެ. މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަމުން ދިޔަ ގދ. ފިޔޯރީ / މާގޯލްޑް މުޙައްމަދު މާހިލް މުމްތާޒް (23 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް