އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހުއްޓުމަކަށް އައިސްފައިވަނީ އެ މަޝްރޫޢުގެ ދަށުން ހަދަމުންދާ އާ މަގު ހެދުމަށް އީކުއޭޓަރ ވިލެޖްގެ އިމާރާތެއް ހުސްނުކުރެވުމުގެ ސަބަބުން ކަމަށް އައްޑޫ އެއަރޕޯޓްސް ކޮމްޕެނީ (އޭއައިއޭ) އިން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލައިގެ ސަބަބުން އީކުއޭޓަރ ވިލެޖް ހިންގާ ކައިމޫ ޓްރެވެލްސް އެންޑް ހޮޓެލްސް ސާވިސް އާއި އޭއައިއޭ އަދި އައްޑޫ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު އޭއައިއޭއިން ނެރުނު ތަފްސީލީ ބަޔާނެއްގައި މައްސަލައިގެ އަސްލު ސަބަބުތައް ވަނީ ހާމަކޮށްފައެވެ.
އޭއައިއޭއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ސަރަހައްދުގައި ހުރި އިމާރާތްތަކާއި ބިމަކީ ކުރިން އައްޑޫ އޮތޮޅު ގަން ބަލަހައްޓާ ޔުނިޓުން އީކުއޭޓަރ ވިލެޖަށް ކުއްޔަށް ދީފައިވާ ތަންތަނެވެ. މިހާރު މި ތަންތަނަކީ އޭއައިއޭގެ އެސެޓްތަކުގެ ގޮތުގައި ހިމެނޭ ތަކެއްޗެވެ. އަދި މި ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން އީކުއޭޓަރ ވިލެޖް ހިންގާ ގޭން އިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔަކަމަށްވެސް އޭއައިއޭއިން ބުނެފައިވެއެވެ.
ގަން ބަލަހައްޓާ ޔުނިޓުން އީކުއޭޓާ ވިލެޖަށް ކުއްޔަށް ދޫކޮށްފައިވާ އިމާރާތްތަކާއި ބިމުގެ އެގްރީމެންޓުގެ މުއްދަތު ހަމަވުމާ ގުޅިގެން، 1 ޖުލައި 2012 އިން ފެށިގެން އައު އެގްރީމެންޓެއް ހެދުމަށް އޭއައިއޭއިން ގޭން އިންވެސްޓް މޯލްޑިވްސްއަށް އެންގި ނަމަވެސް ގޭން އިންވެސްޓް މޯލްޑިވްސްއިން އެދިފައިވަނީ ކުލި މަހަކު 40،000 ރުފިޔާއަށް ކުޑަކޮށް، 2017 އަށް ހަމަވަންދެން އިތުރު ބަދަލެއް ނުގެނެސް ބޭއްވުމަށްކަމަށް އޭއައިއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އައު އެގްރީމެންޓްގައި ސޮއިކުރުން ފަސްކޮށްފައިވަނިކޮށް، 2013 ގެ ނޮވެމްބަރުގައި ޓޫރިޒަމް ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ލޭންޑް ސާވޭ އޮތޯރިޓީން ކުރި ސާވޭގައި ލޭބާ ކުއާޓާސްގެ އިމާރާތްތަކާއި ބިންތައް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ގޮތުގައި ހިމަނައި، 4 ޑިސެމްބަރު 2013 ގައި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވުނެވެ.
އަދި އީކުއޭޓާ ވިލެޖު ހޮޓެލްގެ އެގްރީމެންޓްގައި ނުހިމެނޭ ބިމެއް 2013 ވަނަ އަހަރު އެ އެގްރީމެންޓުގެ ބައެއްގެ ގޮތުގައި ހިމެނުމަކީ އޭއައިއޭގެ ކަންބޮޑުވުމެއްކަމަށާއި، މިކަމުގެ ސަބަބުން ކުންފުންޏަށް ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް އެތާރީހުން ފެށިގެން ނުލިބޭކަމަށް އޭއައިއޭއިން ބުނެފައިވެއެވެ. ހަމައެއާއެކު، އެ ތަންތަނުގެ ކުއްޔަކީ އެ ކުންފުންޏަށް ލިބެންޖެހޭ އެއްޗަކަށްވާތީ، އެއްބަސްވެފައިވާ ގޮތަށް ގޭން އިންވެސްޓް ކުންފުންޏަށް އިންވޮއިސްތައް ފޮނުވަމުން ގެންދިޔަ ނަމަވެސް، މިއަދާ ހަމައަށްވެސް އެ ފައިސާ ނުލިބޭކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިކަން މިހެން އޮތްއިރު، ފިނޭންސް މިނިސްޓްރީން އަންގާފައިވާ ގޮތުގައި އީކުއޭޓާ ވިލެޖް ހޮޓެލް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނެނީ ހަމައެކަނި ހޮޓެލްގެ ޓޫރިސްޓް ކޮޓަރިތައް ހުރި ސަރަހައްދުގެ ބިން އެކަނިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ގަމުގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން މަގު ކުރިއަށްދާ ސަރަހައްދުގައި ހުރި ކޮޓަރިތައް ހުސްކުރަން ޖެހޭނެ ކަމަށާއި، އޭގެ ބަދަލުގައި އެ ސަރަހައްދު ކައިރިން ކޮޓަރި ހަމަޖައްސައިދީ، ދެފަރާތަށް ވަދެނިކުތުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި، ބިމުން މަގުވާ ބަޔަށް ބިން އިތުރުކޮށްދޭނެ ކަމަށް ގޭން އިންވެސްޓް ކުންފުންޏަށް ހުށަހަޅާފައިވާނެކަމަށްވެސް އޭއައޭއިން ބުނެފައިވެއެވެ.
އަދި 17 އޮގަސްޓް 2023 ގައި ލޭބަރ ކުއާޓާސް ސަރަހައްދުން ހުސްކުރަންޖެހޭ ކޮޓަރިތައް ފާހަގަކޮށް، އީކުއޭޓަރ ވިލެޖް ހޮޓެލްގެ ވެރިންނަށް ދައްކައި، އެތަން ހުސްކުރުމުން ހޮޓެލްގެ ހިންގުމަށް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި ނަމަވެސް، ކައިމޫއިން ނެރުނު ބަޔާނުގައި ބަޔާންކުރި ބަދިގެ، ސްޓާފް މެސް، ރިސޯޓް ލޯންޑްރީ، ގަރާޖް، ސްޓާފް ރެކްރިއޭޝަން އޭރިއާ އަދި ސްކްއަޝް ރޫމަކީ މަގާ ގުޅިގެން ހުސްކުރަންޖެހޭ ބިމުގައި ހުރި ތަންތަން ނޫންކަމަށާއި، އިތުރު ބިމެއް ނުވަތަ އިމާރާތެއް ދީގެންވެސް އެތަން ހުސްކުރަން އެއްބަސްވެފައި ނުވާކަމަށްވެސް އޭއައިއޭއިން ބުނެފައިވެއެވެ.
މި މަޝްރޫޢުއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް ޝުކުރު އަދާކުރަމުން އޭއައިއޭއިން ބުނެފައިވަނީ މި މައްސަލަ ޖެހިފައިވާ ބިމަކީ އެ ކުންފުނީގެ ހަރުމުދަލަކަށްވެފައި، އެތަނުގެ މުޢާމަލާތްތަކުގައި މައްސަލަތަކެއް ހުރުމާއެކު، ޤާނޫނީ ލަފާ ހޯދުމަށްފަހު ޝަރީޢަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމާމެދު ގޮތެއް ނިންމުމަށް ކުންފުނީގެ ބޯޑަށް ހުށަހެޅުމަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް