މުދާ ހިފައިގެން ދަތުރުކުރަނިކޮށް ރޯވި "ހޮޅުދޫ ބޯޓުން" ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރުމަށް ނިންމައިފި އެވެ.
ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ އުމުރުން 25 އަހަރުގެ މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރެވޭނީ މާދަމާ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައިކަމަށާއި މި ނަމާދުގައި އަންހެނުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
އަދި ވީހާވެސް ގިނަ ބަޔަކު މުޝްފިގުގެ ކަށުނަމާދުގައި ބައިވެރިވުމަށް ކައުންސިލުން އެދޭ ކަމަށް އެ އިއުލާނުގައިވެ އެވެ.
ތ. އަތޮޅު އަދި ލ. އަތޮޅުން މުދާ ހިފައިގެން ދަތުރުކުރި އެ ބޯޓުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ރޯވިއިރު 18 މީހުން އެ ބޯޓުގައި ތިއްބެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު މުޝްފިގު އޭނާގެ ކޮއްކޮއާއެކު ކަނޑަށް ފުންމާލިއިރު، އޭނާގެ ކޮއްކޮ އަތުގައި ލައިފް ޖެކެޓު އޮތް ނަމަވެސް މުޝްފިގު އަތުގައި އޮތް ލައިފް ޖެކެޓް މީހަކު އަތުލައިގަތީކަމަށް މުޝްފިގުގެ ކޮއްކޮ ވަނީ ބުނެފައެވެ.
މުޝްފިގު ހޯދުމަށް އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މިހާތަނަށް 92.42 ސްކުއެއާ ނޯޓިކަލް މޭލް ސަރަހައްދެއް ބެލުމުގެ އިތުރުން، ޑައިވްކޮށްގެން ކަނޑު އަޑީގެ 65,100 އަކަ މީޓަރުގެ ސަރަހައްދެއްވެސް ވަނީ ބަލައިފައެވެ. އަދި މުޝްފިގު ހޯދުމުގެ މަސައްކަތުގައި ޑްރޯން ވެސް ދަނީ ބޭނުންކުރަމުންނެވެ.
މުޝްފިގުގެ ކޮއްކޮ އިތުރަށް ހާމަކުރި ގޮތުގައި، ކަނޑުމަތީގައި ބޭބޭގެ ގައިގައި ހިފަހައްޓައިގެން ހުރި ނަމަވެސް ވަކި ހިސާބަކުން އަތް ދޫވެގެން ދިޔައެވެ. އާއިލާއިން ހާމަކުރި ގޮތުގައި މުޝްފިގަކީ އެހާ ރަނގަޅަށް ފަތަން އެނގޭ މީހެއް ނޫނެވެ.
މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާއާ ޙަވާލާދީ "މިހާރު" ނޫހުން ބުނެފައިވަނީ މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން ކަށުނަމާދު ބާއްވަނީ އާއިލާއިން ބޭނުންވެގެންކަމަށާއި، މިހާތަނަށް ބަލައިގެން ވެސް މުޝްފިގު ނުފެނުނީމަ އާއިލާއިން 100 ޕަސެންޓު ގަބޫލުކުރަނީ މުޝްފިގު ދިރިހުއްޓާ ނުފެންނާނެކަމަށްކަމަށެވެ.
މުޝްފިގުގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރަން ނިންމިއިރު، އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކަމަށެވެ. މަޢުލޫމާތު ލިބޭގޮތުގައި، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާއަދާ ކުރާ މުޝްފިގު ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް