މި އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރައްޔިތުންނާއި ބައްދަލުކުރައްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރީން މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާއި އެއްގޮތަށް މާލޭގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރެއްވި ކަމަށާއި ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅާއި އެއްގޮތަށް ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރަަށްރަށަށް ދަތުރު ކުރައްވާނެކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ އަމާޒަކީ މި ދައުރުގައި ރާއްޖޭގެ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުންކަމަށާއި، ފުރަތަމަ ދެ އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ނިންމެވޭނެ ކަމަށެވެ. އެގޮތުން މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގައި އޮގަސްޓް މަސް ނިމުމުގެ ކުރީން ހުރިހާ ރަށަކަށް ދަތުރުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މި މަހު އެއްވެސް ރަށަކަށް ދަތުރުނުކުރެއްވުނު ނަމަވެސް ކުރިއަށް އޮތް މެއި މަސް ފެށުމާާއެކު އަތޮޅުތަކަށް ދަތުރު ކުރައްވަން ފައްޓަވާނެ ކަމަށާއި، އެގޮތުން ފުރަތަމަ ރަށެއްގެ ގޮތުގައި ވަޑައިގަންނަވާނީ މ. މުއްޔަށް ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނުގެ އެ ދަތުރުފުޅުގައި އެ ރަށުގައި ހަދާފައިވާ އެއާޕޯޓް ހުޅުވުމަށް ވަނީ ނިންމަވާފައެެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް