ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަމަށެވެ. އެހެންކަމުން މި މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވައިގެން، އެކަމުގެ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށް ދާ ކަމަށާއި މި މަސައްކަތްތައް ކުރިއަށް ދަނީ ގަވަރުނަރުގެ މަޝްވަރާއާ އެކުގައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު"ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނީ، ރާއްޖޭގެ ބާޒާރަށްވެސް އެ ކަމުން ނުރަނގަޅު އަސަރެއް ނުފޯރާ ގޮތަށް ކަމަށެވެ.
އަދި ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ލިބި، އެ ފައިސާ ބޭނުން ކުރެވެން ވާނީ އެ ދަރިވަރަކު ކިޔަވަމުންދާ ޤައުމެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ލޯނު ސްކީމާއި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ދަށުން ތަޢުލީމު ހާސިލުކުރުމުންދާ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ޤަވާޢިދުން ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށާއި، ޤައުމުން ބޭރުގައި، ލޯނު ސްކީމުގެދަށުން މި ވަގުތުވެސް 1600 އަށް ވުރެ ގިނަ، ދިވެހި ދަރިވަރުން ދަނީ މަތީ ތަޢުލީމު ހާސިލުކުރަމުންދާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް