ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ މުސްތަޤްބަލު ރައްކާތެރިކުރުމަށްވެސް ކުރަންޖެހޭ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީތަކުގެ ސަބަބުން ކުރިމަގު ފެންނާނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީއެއްގެ، ޢަމަލީ މަސައްކަތް ފަށައިގަތުމުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްޤީގެ އައު ޞަފްޙާއެއް ހުޅުވިގެންދާނޭކަމަށެވެ.
މީގެ އިތުރުން، ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ޤައުމުތަކެއް ކަމަށާއި، މި ޤައުމުތަކަކީ މޫޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ޤައުމުތަކެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި، ވިލުންވެރި ތަރައްޤީ ކަށަވަރުކުރުމަކީ އެފަދަ ޤައުމުތަކަށް ހައްސާސް މައްސަލައެއް ކަމަށާއި ލަސްނުކޮށް ޑީ.އެސް.އެސް.އެސް ގެ މަސައްކަތް ފަށައިގަތުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި، ދަރަނީގެ މައްސަލަތައް ޙައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، ދުނިޔެއަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާއެކު، ގިނަ ފަރާތްތަކާ ގުޅިގެން، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން "ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް" އެއް ހުށައެޅުއްވީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ޤައުމުތަކަށް އިސްކަންދެއްވުމުގެ ގޮތުން ކަމަށާއި، މިފަދަ މެކޭނިޒަމެއް ތަންފީޒުކުރުމުގެ ސަބަބުން، ކޮންމެ ޤައުމެއްގެ ނާޒުކު ހާލަތު ވަޒަންކުރެވި، އެހާލަތުގެ މައްޗަށް ބިނާކޮށް، މަޝްރޫޢުތައް ހިންގައި، އޭގެ ސަބަބުން، އެފަދަ ޤައުމުތަކުގެ މާލީ ފުދުންތެރިކަން ޤާއިމްވެގެންދިއުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.
އަދި މިފަދަ އިންސްޓްރޫމަންޓެއްގެ އަމާޒަކީ ދަރަނި ލުއިކޮށްދިނުމާއެކު، ވިލުންވެރިކަމުގެ އަމާޒުތައް ގުޅުވައި، ދެމެހެއްޓެނިވި ތަރައްޤީއަށް އިންވެސްޓްކުރުމަށް މާލީ ތަނަވަސްކަން ޤާއިމުކޮށްދިނުން ކަމަށް ފާހަގަކުރައްވަމުން ރައީސް ވަނީ، ކުރިއަށް އޮތް ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓް (އެފް.އެފް.ޑީ.4) އަކީ، ދުނިޔޭގެ ފެންވަރުގައި ޑީއެސްއެސްއެސް ބަލައިގަތުމަށް ރަނުގެ ފުރުޞަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި މަސައްކަތަށް މިހާރުވެސް ގިނަ ޤައުމުތަކުން ރުހުން ލިބިފައިވީ ނަމަވެސް، އިނޮވޭޓިވް ޑެޓް މެކޭނިޒަމްތަކާއި ކޮންސެޝަނަލް ފައިނޭންސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމާއި ބައިވެރިވުން މުހިންމުކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އެމަނިކުފާނު ދެންނެވީ ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތްކުރުމާއި، ދިރިއުޅުމުގެ ކަންކަން ހިމާޔަތްކުރުމާއި، އަޅުގަނޑުމެންގެ މުސްތަޤްބަލު ރައްކާތެރިކުރުމަށްވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް