ށ. ގޮއިދޫ ސިނާއީ ސަރަހައްދުން 16 ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.
އެ ރަށު ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާގޮތުން މި 16 ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރުގެ މުއްދަތަކަށެވެ.
މި ބިންތަކުގެ ތެރޭގައި، ގުދަން އެޅުމަށް 600 އަކަފޫޓުގެ ހަތަރު ބިމަކާއި، ގާ އެޅުމަށް 3،000 އަކަފޫޓުގެ 03 ބިމަކާއި، ވާރކްޝޮޕް ހިންގަން 1،050 އަކަފޫޓުގެ 02 ބިމަކާއި، ވަޑާންގެ ހިންގުމަށް 1،350 އަކަފޫޓުގެ 04 ބިމެއްގެ އިތުރުން ފައިބަރ މަސައްކަތަށް 3،600 އަކަފޫޓުގެ 03 ބިމެއް ހިމެނެއެވެ.
ގޮއިދޫ ކައުންސިލުން ވަނީ މިކަމަށް ޝައުޤުވެރިވާ އަމިއްލަ ފަރުދުން، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 20 އޭޕްރީލް 2025 ގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް އެ އިދާރާއަށް ބީލަން ހުށަހެޅުމަށް އެދިފައެވެ. އަދި ބިޑް ރަޖިސްޓަރ ނުކުރާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެއްވެން ނޯންނާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
މި ބިޑާގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ އެޕްރީލް 24 ވަނަ ދުވަހުގެ 13:00 ގައިކަމަށްވާއިރު، މިކަމަށް ބީލަން ހުށަހެޅުން އޮންނާނީ އެޕްރީލް 28 ވަނަ ދުވަހުގެ 13:00 ގައި ގޮއިދޫ ކައުންސިލް އިދާރާގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް