މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިގޮތުން، މާލޭގައި ފެންބޮޑުވެފައިވަނީ ހެނދުނު 10:00 ޖަހައި އެހައިކަށްހާއިރު ވެހެން ފެށި ވާރެއާއެކުއެވެ. އަދި މީގެ ސަބަބުން ތައްޔާރީ ހާލަތުގައި ތިބި ޤައުމީ ދިފާޢީ ބާރުން ވަނީ ފެން ހިންދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާއިރު، މާލޭގެ 3 ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ހަމައެއާއެކު، ފެން ހިންދުމުގެ މަސައްކަތްކުރަމުންދާ ސަރަހައްދުތަކަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީވެސް ވަނީ ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
އަދާހަމަ#:
މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ސަރަޙައްދުތަކަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި pic.twitter.com/4WlKndqxxf— Maldives National Defence Force (@MNDF_Official) April 9, 2025
އިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް ސަރަހައްދު އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުތަކުގައި ޕަމްޕުތައް ޖަހާ ފެން ހިންދުމުގެ މަސައްކަތުގެ އިތުރުން، ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ސިފައިން ދަނީ ކުރަމުންނެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި މި ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައި އޮތް ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައަކަށްވާއިރު، މިއަދާއި މިރޭ އަދި މާދަމާ ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށްވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން މަގުތަކުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދާއިރު، މިދުވަސްވަރު، ބޭރުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަން މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.
މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ވެލިބަސްތާތައް ޖެހުމުގެ ތައްޔާރީތައް ކުރިއަށްދަނީ
#FloodResponse #DisasterManagement pic.twitter.com/U31dL2ACYg— Malé City Council (@MaleCitymv) April 9, 2025
އެގޮތުން ހައިވޭ އަދި ބްރިޖް، ލިންކްރޯޑުގައި ދުއްވާއިރު އެލާޓްތަކަށް ސަމާލުވުމަށާއި ފެންބޮޑުވެގެން އުޅޭއިރު ވެހިކަލް ދުއްވާ ނަމަ އެހެން ފަރާތްތަކާ މެދު ވިސްނައިގެން ދުއްވުމަށާއި، ވައިގަދަވާ ނަމަ ކުޑަ ބޭނުންނުކުރުމަށާއި ވަޔާ ވިއްސައިގެން ދާނެ ފަދަ ތަކެއްޗަށް ސަމާލުވުމަށާއި ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ރައްކާތެރިކޮށް ބަނދެފައި ބެހެއްޓުމަށާ އަދި ކަނޑު ދަތުރުފަތުރު ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ގޭތެރޭގައި އަދި ގޯތިތެރޭގައި ވަޔާ ގޮސްދާނެ ގޮތަށް ހުރި ތަކެތި ރައްކާތެރިކުރަން ޖެހޭ ކަމަށާއި ކަރަންޓު ސާމާނު އުސްތަންތަނުގައި ރައްކާކޮށް، ބިމާއި ކައިރީގައި ހުންނަ ސޮކެޓުތަކުން ކަރަންޓު ކަނޑާލައި ފެންބޮޑުވެއްޖެ ނަމަ ފެނުގެ އަސަރު ނުކުރާނެ ގޮތަށް ކާޑާއި ކާނާގެ ބާވަތްތަކާއި މުހިންމު ލިޔެކިޔުންތަކާއި މުދާތައް އުސްތަންތަނުގައި ރައްކާކުރަން ޖެހޭ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް