ފިލިޕީންސްގެ އޭއެމްއޭ ސްކޫލް އޮފް މެޑިސިންގެ ފަރާތުން ރާއްޖެއަށް މެޑިސިން ކިޔެވުމުގެ ތިން ފުރުޞަތު ދެއްވާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިދިޔަ ހަފްތާގައި ޕިލިޕީންސްގައި ބޭއްވި ހަތް ވަނަ ގްލޯބަލް މިނިސްޓީރިއަލް ސަމިޓް ފޯ ޕޭޝަންޓް ސޭފްޓީ ގައި ހާސިލްކުރެވުނު ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ހިިއްސާކުރައްވާފައެވެ.
އެ ސަމިޓުގައި ބޭއްވުނު ރަސްމީ ބައްދަލުވުމުގައި ޕިލިޕީންސްގެ އޭއެމްއޭ ކޮލެޖްގެ ފައުންޑަރ އަދި ރައީސް އާއި ބައްދަލުކުރެވުނު ކަމަށާއި އެބޭފުޅާ ދިވެހިރާއްޖޭގެ ޞިއްހީ ދާއިރާއަށް އެހީތެރިވާން ބޭނުންފުޅުވެ އެކަމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި އޭގެ ފެށުމެއްގެ ގޮތުން މެޑިސިން ކިޔެވުމަށް ރާއްޖެއަށް 3 ފުރުޞަތު ދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި އެ ފުރުޞަތުތަކާ ގުޅޭ ރަސްމީ ލިޔެކިޔުންތައްވެސް ކޮލެޖުގެ ފައުންޑަރ ވަނީ މިނިސްޓަރ އާ ޙަވާލުކުރައްވާފައިކަމަށާއި، އެ ސްކޮލަރޝިޕްތަކަށް ކަމާއި ގުޅުން ހުރި އެހެން މިނިސްޓްރީއާއި މަޝްވަރާކޮށް އެ އޮންނަ އުސޫލުން ވަރަށް އަވަހަށް އިއުލާން ކުރުމުގެ މަސައްކަތްތައް ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރގެ މި ދަތުރުފުޅުގައި ޕިލިޕީންސްގެ ހެލްތު މިނިސްޓަރ އާއި އެކު ކުރެވުނު މަޝްވަރާތަކުގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ފުރުޞަތު ހޯދުމާއި، ސްޕެޝަލައިޒްވާން ބޭނުންވާ ދަރިވަރުންނަށް ޝީޓްތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުނުކަމަށާއި، މި މަޝްވަރާތަކުގައި ކުރިމަގެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ޕިލިޕީންސްގެ ހެލްތު މިނިސްޓަރ ދެއްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް